މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހދ. ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީއަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އަދި ކުރިނބީގެ ކައުންސިލުގެ ރައީސް އަބްދުالله އަސްލަމް އެވެ.
ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީން އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓް 2025 ގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



