މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ އޮޕަރޭޝަނަކީ، އެކި ދުވަސްމަތިން އެ އިދާރާއަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާ ކަން ތަހުގީގަށް އެނގިފައިވެއެވެ.
ޝިހާން ޝިޔާމް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.
އެގޮތުން މި 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާކަމާއި މި 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޝިހާން ޝިޔާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




