ލޯކަލް ކައުންސިލް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީގެ ފަރާތުން މިކަން ހާމަކޮށްފައި ވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒިޔާދު އެވެ.
އެގޮތުން ޒިޔާދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެގޮތުން އޮފިޝަލުން ތަމްރީންކުރުމުގެ މަަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމް ކުރީ ފަހަރުތަކަށްވުރެ ފުޅާކޮށް މިފަހަރު ކުރިއަށްގެންދާނެ ކަމަށެވެ.
މިގޮތުން ވޯޓުލާނެ ގޮތާއި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތުގެ އިތުރުން ރަނގަޅު ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުކުރުމުގެ ގޮތުން ވޯޓުލުމުގެ މުހިންމުކަމާއި ވޯޓުލުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުކަމާއެކީ އެ ކަންކުރުމަށް ހޭލުންތެރިކުރާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.



