ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. ކުމުންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް މިހާރު ހދ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުމުންދޫ މާވެހި މާލަމުގައެވެ.
އެބައްދަލުވުމުގައި ވަނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ރަށުގެ ބަނދަރު ހައްދަވައިދެއްވުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެއްޓެވުމާއި ރަށަށް އިކޯޓޫރިޒަމް ގެނައުން ހިމެނެއެވެ.
އަދި ކުމުންދޫގައި އަލަށް މީހުން އާބާދުވާ ސަރަހައްދަށް ފެނާއި ނަރުދަމާ އާއި ކަރަންޓު ގުޅައިދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށު ސްކޫލަށާއި ރަށު ޞިއްޙީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށްވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މިގޮތުން އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.


