ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ކުމުންދޫ ސިއްހީމަރުކަޒުގެ އާ އިމާރާތް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 7،800 އަކަފޫޓުގެ ސަރަހަދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ހަދާނެއެވެ.
އަދި ބިންގަނޑު ކޮނުމާއި، މޭޝަނަރީ، ކޮންކްރީޓު މަސައްކަތް ކުރުމާއި، ޓައިލް ޖެހުމުގެ މަސައްކަތުގެ އިތުރުން ދޮރާއި ކުޑަދޮރު ހަރުކުރުން ހިމެނޭހެން ދަވާދު ލުމާއި ދަގަނޑުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ ހައިޑްރޯލިކްސް އަދި ޑްރެއިނޭޖު މަސައްކަތާއި ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެއީ ކޮންޑިޝަން ސިސްޓަމާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ 360 ދުވަހުން ނިންމާގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ ކުންފުންޏާ އެ މަަސައްކަތް ހަވާލުކޮށްފައިވަނީ 27.26 މިލިއަން ރުފިޔާއަށެވެ.




