ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ”ރަސްމާލެ“ މަޝްރޫއަށް ބިން ހިއްކުމަށް ވެލި ނަގާ ސަރަހައްދުތަކުގައި ދޯނި އެޅުމާއި ޑައިވް ކުރުން ފަދަ ކަންތައް ނުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއުގެ ސައިޓް ’ސީ‘ އަދި ’އީ‘ ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ސަރަހައްދުތަކާއި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށެވެ.
އެޗްޑީސީ އިން ވަނީ ވެލި ނަގާ ސަރަހައްދުތަކާއި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އަދި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު ދަތުރުކުރާނެ މަގު ފެންނާނެ ޗާޓު ވެސް އާންމުކޮށްފައެވެ.
އެ ކުންފުނިން ބުނީ، އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވް ކުރުން ފަދަ ކަންތައް ކުރުން ރައްކާތެރި ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރު ކުރާ ނަމަ އެ ކަމަށް ސަމާލުވުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.




