ހދ. ކުރިނބީގެ، ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް 4 ދުވަހުގެ މުއްދަތަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މިއަދު ވަނީ ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައެވެ. މި އިމާރާތާއި އެކު ޞިއްހީ މަރުކަޒުން އިތުރު ޚިދުމަތް ދެވޭގޮތަށް ޖާގަ ފުރިހަމަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން އިތުރު ވޯޑުތަކާއި، ލެބޯޓްރީ އަދި ޕަބްލިކް ހެލްތު ޔުނިޓްފަދަ ޚިދުމަތް އިތުރުވެގެންދާނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް 16 ގަޑިއިރަށް ޚިދުމަތް އިތުރުކުރުމަށް، ބޭނުންވާ މުވައްޒަފުން ހޯދައި މިއަހަރު އެ ޚިދުމަތްދެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކުރިނބީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ.
ރައްޔިތުން އެދޭ ބަދަލުގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދެއްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަދު ސޮއިކުރެއްވި ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެ މަސައްކަތް ނިމޭއިރު އިތުރު ހަތަރު ކްލާސްރޫމް ހިމެނޭގޮތަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.


