ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރަ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ”އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ“ ހުޅުވައިފިއެެވެ.
މިކަމަށްޓަކައި މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ހޮސްޕުޓަލްގެ އައިނު ފިހާރަ ރަަސްމީކޮށް ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ސަރުކާރުން އައިނުގެ ޚިދުމަތްދޭން ފެށީ އާއްމުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
ސަރުކާރުގެ އައިނު ފިހާރައިން ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުންނެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓާނޭ ކަމަށް ރައީސް އިޢުލާންކުރެއްވީ މި އަހަރުގެ މޭ މަހުގެ 31 ގައެވެ.
މިގޮތުން އައިޖީއެމްއެޗްގައި ތަރައްޤީކުރި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ (އެމްސީޖީއެޗް އޮޕްޓިކަލްސް) ހުޅުވާފައި ވަނީ ޖުލައި27 ވަނަ ދުވަހުއެވެ.



