25 ގައުމަކުން އެމެރިކާއަށް ދޭ ޕޯސްޓުގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޓެރިފްތަކުގެ ސަބަބުން އެމެރިކާއަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން 25 ގައުމަކުން އެމެރިކާއަށް ޕެކޭޖް ޑެލިވަރީ ކުރުން ހުއްޓާލަން ނިންމައިފި އެވެ.
މާދަމާއިން ފެށިގެން އެމެރިކާއަށް އެތެރެވާ ކުދި ޕެކޭޖުތަކުން ޓެކްސްގެ ލުޔެއް އުވާލާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ މިދިޔަ މަހު އިއުލާނުކޮށްފަ އެވެ.
މި ނިންމުމުގެ ސަބަބުން ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާން ފަދަ ޕޯސްޓުގެ ގިނަ ހިދުމަތްތަކުން ވަނީ އެމެރިކާއަށް ކަނޑައަޅާފައިވާ ގިނަ ޕެކޭޖުތައް މިހާރު ބަލައިނުގަންނާނެކަން އިއުލާނުކޮށްފަ އެވެ.
އދ.ގެ ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ލިޔެފައިވާ ގޮތުގައި ”އެމެރިކާއަށް އައުޓްބައުންޑް ޕޯސްޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަން އެ ޔޫނިއަންގެ މެމްބަރު 25 ގައުމަކުން ވަނީ އަންގާފައެވެ.
އެއީ ޕޯސްޓް ޑެލިވަރީ ކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
އަދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އިއުލާނުކޮށްފައިވާ ޓެރިފްގެ ފިޔަވަޅުތައް ތަންފީޒުކުރަން ގަސްދުކުރާ ގޮތް އިތުރަށް ސާފުވަންދެން ސަސްޕެންޝަންތައް ދެމިއޮންނާނެ ކަމަށް ޔޫޕީޔޫ އިން ބުނެފައި ވެއެވެ.
1874 ވަނަ އަހަރު އުފެދުނު އަދި މެމްބަރު 192 ގައުމެއް ހިމެނޭ މި ޖަމިއްޔާއިން ވަނީ އެމެރިކާގެ އާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ޕޯސްޓު އޮޕަރޭޓަރުންނަށް ބޮޑެތި އޮޕަރޭޝަނަލް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.
ހުކުރު ދުވަހުން ފެށިގެން ޔޫޕީޔޫއިން އިޝާރާތްކުރީ މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ޕެކޭޖްތައް ޑެލިވަރީކުރާ ޕޯސްޓު ކެރިއަރުތަކުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އެޑްވާންސްކޮށް ފޮނުވާ ފަރާތްތަކުގެ އަތުން ކަސްޓަމްސް ޑިއުޓީ ނަގަން މަޖުބޫރުވާނެ ކަމަށެވެ.




