ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
މި ސާމާނު ރާއްޖެއާ ހަވާލުކުރީ، ހެންވޭރު ބޯޅަ ގޭގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ތަކެތި ހަވާލުކުރެއްވީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާއެވެ.
އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢުއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ ފުޖިއާން ޕްރޮވިންސުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ފުޓުބޯޅައާއި، ދަބަހާއި، ތޮފި، ޓްރެކްސޫޓާއި އިސްޓާކީނާއި ފިރިހެނުންގެ ސޯޓާއި ޓީޝާޓު ހިމެނޭ ކަމަށެވެ.
އެ ޕްރޮވިންސުން މިދިޔަ މެއި މަހުވެސް ވަނީ ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ.
އޭރު ހަދިޔާކުރި ތަކެތީގެ ތެރޭގައި 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކް އާއި 60 ހާޑަލްސް ހިމެނެވެ.
އަދ މީގެ އިތުރުން 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެއް ހިމެނޭ ކަމަށް ސްޕޯޓްސް މިނިސްޓްރީން ހާމަކުރެއެވެ.
ޗައިނާ އިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށް ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް ހޯދައިދީފައެވެ.




