މަދަނީ ޖަމުޢިއްޔާތައް ބާރުވެރި ކުރުމަށް ކުރިއަށްގެންދާ ”މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް“ ފަށައިފިއެވެ.
މިފޯރަމް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުއެވެ.
މި ފޯރަމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެންޖީއޯ ގައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ.
މި ފޯރަމުގައި 69 މަދަނީ ޖަމުޢިއްޔާ ބައިވެރިވެއެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 30 ކޮމިޓީއާއި 6 އަތޮޅު ކައުންސިލުން ބައިވެރިވެއެވެ. މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެކެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ޤައުމީ ފެންވަރުގައި ބާއްވާ މިފަދަ ފޯރަމްތަކުގެ ސަބަބުން ޖަމްޢިއްޔާތަކުގެ ޤާބިލުކަން އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތްތައް ފުޅާވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން މާލީ ގޮތުން ޖަމްޢިއްޔާތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވާނެ ކަމަށެވެ.



