އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ރަނގަޅު އާއިލާއެއް ބިނާކުރުމުގެ މައްޗަށެވެ.
ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެންނެވެ. އާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި އެއަށް، ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ވެގެންނެވެ. ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެންނެވެ.
ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތް ކުރުމަށްޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށްބޮޑު އިސްކަމެއް ވަނީ ދޭން ޖެހިފައެވެ.
ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށްޓަކައި ހުޅުވޭނެ އަމާން ދޮރެކެވެ. ޢަޤީދާގެ ޢިލްމު ދަރީންނަށް އުނގަންނައިދިނުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސްވާޖިބުކަމުގައި ހައްދަވައިފައިވެއެވެ.
މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި އެ ކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި يعقوب ގެފާނު ވެސް މެއެވެ. އޭ އަހުރެންގެ ދަރީންނޭވެ! ހަމަކަށަވަރުން، اللّٰه ތިޔަބައިމީހުންނަށްޓަކައި ދީނ ހޮއްވަވައި ޚިޔާރު ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެ ތިބޭ ހާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ.“
އަދިވެސް އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި لقمانގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللّٰهއަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.“
ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެންނެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެއެވެ.
ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެންނެވެ. އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދީގެންނެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ޢާއިލާގެ އެންމެހައި މެމްބަރުންގެ ޢަމަލުތައް ބަހައްޓައިގެންނެވެ.
އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެންނެވެ. އެހެންކަމުން، ކޮންމެ މަޔަކާއި ބަފަޔަކު، ދަރީން ތަރުބިޔަތުކުރުމުގައި އިސްލާމް ދީން ގެނެސްދީފައިވާ މަންހަޖާ އެއް ގޮތަށް ޢަމަލުކުރުމަކީ، މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ. ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ اللّٰه تَعَالَىގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އިސްލާމީ ޝިޢާރުތަކަށް މާތްކޮށް ހިތުމަށް ދަރީންނަށް ދަސްކޮށްދީގެންނެވެ. އަދި މުންކަރާތްތަކުން ދުރުވާނެ ގޮތްތައް ދަސްކޮށްދީގެންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އިސްލާމީ ޙުކުމްތަކަކީ ރަމްޒީ އެއްޗެއް ނޫންކަމާއި، އެއީ އެއަށް ޢަމަލުކުރާންޖެހޭ ޙުކުމްތަކެއްކަން ދަރީންނަށް ދަސްކޮށްދީގެންނެވެ. ޢާއިލާގެ އެންމެ އަގުބޮޑު ޖަވާހިރުތައްކަމުގައިވާ ދަރީންނަކީ اللّٰه تَعَالَى ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އަދި އެހައިމެ ބޮޑު މަސްއޫލިއްޔަތެކެވެ.




