ފޯނު ކޯލެއްގެ މައްސަލައިގައި ސަސްޕެންޑްކުރި ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އެންމެފަހުން މަގާމުން ވަކިކޮށްފިއެވެ.
މިއީ 2008 ގެ ފަހުން ތައިލެންޑުގައި މަގާމުން ވަކިކުރި 5 ވަނަ ބޮޑުވަޒީރެވެ.
ކެމްބޯޑިއާ މައްސަލައިގައި އަމަލުކުރާ ގޮތުން ކަމަށް ބުނެ ދުސްތޫރީ ކޯޓުން ޕެޓޮންގްޓާން ސަސްޕެންޑު ކުރީ މިއަހަރުގެ ޖުލައި މަހުގެ 1 ގައެވެ. އޭނާ އެއިރު ސަސްޕެންޑުކުރީ މައްސަލަ ބަލައި ނިމެންދެންނެވެ.
އޭރު ބޮޑުވަޒީރު ޒިންމާތަކުން އެކަހެރިކުރުމަށް ނިންމީ ބޯޑަރުގެ މައްސަލައިގައި ކެމްބޯޑިއާ ދެމެދު އޮތް މައްސަލައިގެ ތެރޭ ބޮޑުވަޒީރު ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ، ކެމްބޯޑިއާގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ހުން ސެން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާ އެކުގައެވެ. އެ ކޯލްގައި އޭނާއަށް ތައިލެންޑުގެ ބޮޑުވަޒީރު މުހާތަބުކުރައްވަނީ ”އަންކަލް“ ގެ ގޮތުގަ އެވެ. އެ ކޯލްގައި ތައިލެންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެއެވެ.
ކޯލްގެ މައްސަލައިގައި އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. ޕެޓޮންގްޓާންގެ ބަދަލުގައި ދެން މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އޭނާގެ ނައިބެވެ.



