ޔުނިސެފް އާއި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީ ގުޅިގެން ”އޯޓިޒަމްއާ ބެހޭ މަޝްވަރާ“ ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ ޔުނިސެފްއިން އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ބާވަތުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އެޅޭނެ ޢަމަލީ ފިޔަވަޅުތައް ފާހަގަކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިންނާއި، ޖަމުއިއްޔާ ޖަމާއަތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ފަދަ މުހިންމު ފަރާތްތައް ބައިވެރިވެފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ފާހަގަކުރެވުނު ޢަމަލީ ފިޔަވަޅުތަކަށް ބިނާކޮށް އޯޓިޒަމް ހުންނަ ކުދިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް އެކި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ސްޓްރެޓެޖީތައް އެކުވާލާނެ ކަަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އޯޓިޒަމް ހުންނަ ކުދިންނަށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އިތުރު އެހީތެރިކަމާއި ޚާއްޞަ ޚިދުމަތްތައް ބޭނުންވުން އެކަށީގެންވާ އިރު، މި އެހީތެރިކަމާއި ޚިދުމަތްް އެ ކުދިންގެ ކުރިއެރުމަށްޓަކައި ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުން މުހިންމު ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެ ބައްދަލުވުމުގައި ބައިވެރިން ވަނީ އޯޓިޒަމް ހުންނަ ކުދިންނަށް އެކުދިންގެ ފުރިހަމަ ޤާބިލުކަމަށް ވާސިލުވުމަށް ހަމަހަމަ ފުރުސަތުތައް ލިބޭ ޝާމިލްކުރުވަނިވި މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިން އެކުދިންގެ ދިރިއުޅުމަށް މާނަހުރި ބަދަލެއް ގެނެއުމަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން އެފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކޮށް، އަގުހުރި މަޢުލޫމާތު ފޯރުކޮށްދީފައެވެ.




