މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(އެމްގެޕް) ސެޓްފިކެޓް ށ. ގޮއިދޫއަށް ލިބިއްޖެއެވެ.
ގޮއިދޫގެ ދަނޑުވެރިންނަށް މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(އެމްގެޕް) ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ (އެމްގެޕް) ސެޓްފިކެޓަކީ ދަނޑުވެރިންގެ ހުނަރުވެރިކަމާއި ފެންވަރު މަތިކޮށް، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްޅެއް ކަމަށެވެ.
އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަޚުރުވެރި މި ކާމިޔާބީއަށްޓަކައި ގޮއިދޫ އެންމެހައި ފަރާތްތަކަށް އެ ކަަަމަނާ ވަނީ ތަޙްނިޔާ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މއަދުގެ މި ކާމިޔާބީއަކީ ގޮއިދޫގެ ދަނޑުވެރިންގެ ޤާބިލުކަމާއި ހުނަރުވެރިކަމުގެ ހެއްކެއް ކަމަށެވެ.
މިއީ އެ ދަނޑުވެރިން ބަދަލުތަކަށް ހޭލުންތެރި ކުރުމާއި، އީޖާދީ ގޮތްތައް އުފެއްދުމާއި، އަދި ދަނޑުވެރިކަން ފައިދާހުރި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މުސްތަޤުބަލަކަށް ދިވެހިރާއްޖެ ވާޞިލުކުރުވުމުގައި އިސްނެގުމުގެ ޤާބިލުކަން ހުރިކަމުގެ ހެއްކެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
”ދަނޑުވެރިން ހިތްވަރާއި މަސައްކަތައްކަތްތެރިކަމަކީ އަޅުގަނޑުމެންގެ ޤައުމުގެ ކާބޯތަކޯތަކެތީގެ ރައްކާތެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ މައިގަނޑު ބިންގާ. މިއަދު، ގޮއިދޫ މިވެގެންދަނީ ޒަމާނީ އީޖާދުތަކާއި ދިރިއުޅުމުގެ އާދަކާދައާ ދެމެދު ހަރުދަނާ ބެލެންސެއް ޤާއިމުކުރުމުގެ ނަމޫނާ މިސާލަކަށް“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ރަށުގެ ހުނަރުވެރި ދަނޑުވެރިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތިމާވެށި ޙިމާޔަތްކުރުމުގެ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްކުރުމުގައި ހިތްވަރު ދައްކުވާފައި ކަމަށެވެ.
މި ސެޓިފިކޭޝަނަކީ ގޮއިދޫގެ ތާރީޚުގައި އައު ޞަފްޙާއެއް ފެށުމުގެ މުހިންމު ފާލެއްކަމުގައި ދެކޭކަމަށާއި މިއީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ޒުވާނުން ފަޚުރުވެރިކަމާއެކު މި ދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބޭނެ، އަދި މުޅި ޤައުމަށް ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާއެއްގެ ގޮތުގައި ގޮއިދޫ ފާހަގަކުރެވޭނެ އައު ދައުރެއްގެ ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމްގެޕް ސެޓްފިކެޓަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމަށް، އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފައިދާތަކާއި، ތިމާވެއްޓާ ރައްޓެހި ގޮތުގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު މުހިންމު ސްކީމެކެވެ.
މި ސްކީމްގެ ދަށުން ދަނޑުވެރިކަން ކުރުމުގައި ވަށައިގެންވާ މާޙައުލާއި، އަމިއްލަ ސިއްޙަތު އަދި އުފައްދާ ތެކެތީގެ ފެންވަރު ރަގަޅުވާނެކަން ކަށަވަރުކޮށްދެއެވެ.
މިގޮތުން އެމް.ގެޕް ލިބިފައިވާ ދަނޑުވެރިން ދަނޑު ހެއްދުމުގައި ގަސްކާނާއާއި ކެމިކަލް ބޭނުންކުރާނީ ވަކި މިންގަނޑުތަކަކަށް، ފެންބޭނުންކުރުމުގައި އިސްރާފުވުން މަދުވާނެއެވެ. އަދި ވެށީގެ ރައްކާތެރިކަމަށާއި ތިމާގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.




