ގުޅީފަޅުން ގޯތި ލިބުނު 1260 ފަރާތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 1260 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ.
މި ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ދަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ.
މިއާއިއެކު ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ.
ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.
”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާނަމަ އަދި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާނަމަ އެދުވަހަށް ހަމަޖެހިފައިވާ އެޕޮއިންޓްމެންޓް ކެންސަލްވާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންވެއްޖެނަމަ ދެން ޖެހޭނީ އާ އެޕޮއިންޓްމެންޓެއް ހަމަޖައްސަން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.



