ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން އަންނަ މަހު ލަންޑަނުގައި ބާއްވާ ހަތިޔާރުގެ ބޮޑު މައުރަޒުގައި އިސްރާއީލުން ބައިވެރިވުން އިނގިރޭސިވިލާތުން މަނާކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި ”ޑީއެސްއީއައި ޔޫކޭ 2025“ އަށް އިސްރާއީލުގެ ވަފުދަކަށް އެއްވެސް ދައުވަތެއް ނުދޭނެއެވެ.
މި އަންނަ ސެޕްޓެމްބަރު މަހުގެ 9-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަތިޔާރުގެ އެ މައުރަޒަކީ ބައިނަލްއަގްވާމީ ހަތިޔާރުގެ ވިޔަފާރީގެ އެންމެ ބޮޑު މައުރަޒެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން މިގޮތަށް ނިންމާފައި މި ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިސްރާއީލުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި ޣައްޒާއަށް ދިން ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތުގެ ލަންޑަނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުމުގެ ބައެއް ލައިސަންސްތައް ސަސްޕެންޑްކޮށް، މިނިވަން ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލާފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ސަރުކާރުން ބައިނަލްއަގްވާމީ ގޮތުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލާފައިވީ ނަމަވެސް އިނގިރޭސިވިލާތުގެ ކުންފުނިތަކުން އިސްރާއީލަށް އަސްކަރީ އުފެއްދުންތައް ވިއްކަމުން އަންނަ ކަން މެއި މަހުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ”ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގްވާމީ ގާނޫނުތައް ދަމަހައްޓަން“ އެއްބަސްވެއްޖެ ނަމަ، ދަތިކުރުމުގެ އެ ފިޔަވަޅުތައް އުވާލެވިދާނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.
ލަންޑަނުގައި ބާއްވާ ޑީއެސްއީއައި އާމްސް ފެއާގައި އާންމުގޮތެއްގައި އަމިއްލަ ހަތިޔާރު އުފައްދާ ފަރާތްތަކާ އެކު މަތީ ފަންތީގެ ވަފުދުތައް ބައިވެރިވެއެވެ.
އަންނަ މަހު ލަންޑަނުގައި ބާއްވާ ހަތިޔާރުގެ ބޮޑު މައުރަޒުގައި އިސްރާއީލުން ބައިވެރިވުން އިނގިރޭސިވިލާތުން މަނާކޮށްފައި ވާއިރު، ފްރާންސް އިން ވެސް ވަނީ ޕެރިސް އެއާ ޝޯގައި އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ހަތިޔާރު ދެއްކުން މަނާކޮށްފަ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޣައްޒާގައި 2023 ވަނަ އަހަރު އިސްރާއީލުން ހިންގަންފެށި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ 62،600 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، އިތުރު 157،600 މީހުން ވަނީ ޒަހަމްވެފައެވެ.



