ރާއްޖޭގެ ފަތުރުވެރިކަން ފަށާ ފުޅާކުރުމުގެ އިސްކޮށް އުޅުއްވި އެއް ބާނީ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް ގްރޫޕްގެ ފައުންޑަރ އެމްޔޫ މަނިކު އަވަހާރަވީ، ބަލިހާލަތު ދެރަވެގެން ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އުމުރުން 78 އަހަރުގައި އަވަހާރަވީއިރު އެމަނިކުފާނުގެ އަނބިކަނބަލަކާއި ދެ ބޭކަލުން ދުނިޔޭގައި އެބަ ތިއްބެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ.
”ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު.
މާތްﷲ، މަރްްޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް މުހައްމަދު އުމަރު މަނިކު ކޮށްދެއްވައިފައިވާ ހިދުމަތްތައް ފާހަގަކޮށް ސަރުކާރުން ވަނީ އެމަނިކުފާނަށް ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. އަދި އެ ރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ.
އޭގެއިތުރުން، މިނިވަން 25ގައި ޢާންމު ހިދްމަތުގެ އިނާމުވެސް ވަނީ އެމްޔޫ މަނިކަށް ލިބިވަޑައިގެންފައެވެ. އަދި 2011 ވަނަ އަހަރު ދައުލަތުން ވަނީ މުހައްމަދު އުމަރު މަނިކަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.ޢ) ވެސް އަރުވާފައެވެ.
އެމްޔޫ މަނިކުވަނީ 16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް އައުމުން، އެމީހުން ރާއްޖޭގައި ތިބުމުގެ ކަންތައް ހަމަޖެއްސަވާ ދެއްވާފައެވެ. އަދި އޭގެފަހުންވެސް އެކަން ރާއްޖޭގައި ކުރިއަށް ގެންދެވުމަށްޓަކައި އޭރު އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީވެސް މުޙައްމަދު ޢުމަރު މަނިކު ބައިވެރިވެވަޑައިގެން 1972 ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ.
މާލެއަތޮޅު ވިހަމަނާފުށީގައި 1972 ވަނަ އަހަރު ހުޅުވުނު 30 ކޮޓަރީގެ ޓޫރިސްޓް ރިޒޯޓަކީ، ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޓޫރިސްޓް ރިޒޯޓެވެ. ކުރުނބާވިލެޖްގެ ނަމުން ނަންދެވިފައިވާ މި ރިޒޯޓް 1986 ގައި އަލުން ތަރައްޤީކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ މަރުޙަލާއަކަށް ގެންދަވައި، ރާއްޖޭގެ ފުރަތަމަ 5 ތަރީގެ ހޮޓަލަކަށް މި ރިޒޯޓް ހެއްދެވިއެވެ. މި ރިޒޯޓް މިހާރު ހިނގަމުންދަނީ މުހައްމަދު އުމަރު މަނިކުގެ ޗެއާމަންކަމުގެ ދަށުން ހިންގަވާ ޔުނިވާސަލް އެންޓަރޕްރައިސަސް ލިިމިޓެޑުންނެވެ.
ފަތުރުވެރިކަމުގެ އިތުރުން އެމްޔޫ މަނިކަކީ އިޖުތިމާއީ ރޮނގުންވެސް އެކިއެކި އެހީތައް ވެދެއްވި ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ބޯޓެއް އަދި ދެކުނުގެ އަތޮޅުތަކަށް ބޯޓެއް ފޮނުއްވައި، ފެނަށް ޖެހިފައިވާ ރަށްރަށަށް ފެން ފޯރުއްވައިދެއްވި ދެއްވުން އެއީ، އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޙިދުމަތްތަކެކެވެ.
މީގެއިތުރުން، އައި.ޖީ.އެމް.އެޗް ގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަފުޅު ހަރަދުގައި ތަމްރީނު ކޮށްދެއްވާފައި ވެއެވެ. އަދި ސްޕެޝަލައިޒްޑް ރޮނގުތަކުން ޑޮކްޓަރުން ތަމްރީނު ކުރެއްވުމަށްޓަކައި ޑޮކްޓަރުން ރާއްޖެއިން ބޭރަށް ފޮނުއްވިކަމާއި، އަދި ބައެއް ޑޮކްޓަރުން ތަމްރީނުތައް ފުރިހަމަކުރެއްވުމަށްފަހު މިހާރު ހިދްމަތުގައި ދެމިތިއްބެވިކަންވެސް ފާހަގަކުރެވެއެވެ. އަދި މިނޫން އެހެން ރޮނގުތަކުންވެސް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ކުދިންނަށް ދެއްވަމުން ގެންދަވާކަން އެއީވެސް، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އެމްޔޫ މަނިކު ވެދެއްވި ވަރަށް އަގުބޮޑު އެހީއެކެވެ.
އެމްޔޫ މަނިކުގެ މައްޗަަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.




