ރާއްޖޭގެ ފަތުރުވެރިކަން ފަށާ ފުޅާކުރުމުގެ އިސްކޮށް އުޅުއްވި އެއް ބާނީ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެންމެ ފަހުގެ އުންމީދަކީ މިސްކިތެއް ބިނާ ކުރެއްވުން ކަމަށާއި އެމަނިކުފާނަކީ ދީނީ، އިޖްތިމާޢީ، އަދި ތައުލީމީ ކަންތައްތަކާއި، މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، އެމްޔޫ މަނިކަކީ މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް އިސްލާމިކް މިނިސްޓްރީ އަށް ފޮނުއްވި ކަމަށެވެ. ”އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން. ސިޓީއެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައިވޭ.“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، އެ މިނިސްޓްރީން މިހާރު ވާނީ އެކަމަށް ޖާގައެއް ވެސް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފައި ކަމަށެވެ. އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް ގްރޫޕްގެ ފައުންޑަރ އެމްޔޫ މަނިކު އަވަހާރަވީ، ބަލިހާލަތު ދެރަވެގެން ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އުމުރުން 78 އަހަރުގައި އަވަހާރަވީއިރު އެމަނިކުފާނުގެ އަނބިކަނބަލަކާއި ދެ ބޭކަލުން ދުނިޔޭގައި އެބަ ތިއްބެވެ.



