ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަން ކަމަށާއި އެއް އެއީ ޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް އިއްޔެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު މިއަދު ވަނީ ޗައިނާގެ ރައީސް ޝީޖިން ޕިންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
މި ދަތުރުފުޅާ ބެހޭގޮތުން މިއަދު ކުރެއްވި ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ޗައިނާއަށް ވަޑައިގަތުމުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން ޓިއާންޖިންގައި ރައީސް ޝީއާ ބައްދަލުކުރައްވައި ދެ ޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށެވެ. އަދި އެފަދައިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ”ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް 2024-28“ އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިސްތިރާޖީގެ ދަށުން ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.




