ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މިއަދު ފޮނުއްވައިފިއެވެ.
މިދެބޭފުޅުންނަށް ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިއަހަރުގެ އޭޕްރީލްމަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިރުރަށް ބަދަހިވެ، އިޤްތިޞާދީގޮތުން އެގުޅުން ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަން ފާހަގަކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.
މި މުނާސަބަތާގުޅިގެން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓްގައި، މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.




