އެމްއެންޑީއެފްގައި 37 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.
ނަޝީދު ރިޓަޔާކުރެއްވުމާ ގުޅިގެން ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޣައްސާން ވަނީ ނަޝީދުގެ ހިދުމަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ސިޓީފުޅެއް، ނަޝީދުއާ ހަވާލުކޮށްދެއްވައިފައެވެ.
ޝަރަފްވެރިކަމާ އެކު ސިފައިންގެ އިން ނަޝީދު ވަކިވެވަޑައިގެންނެވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓާ ޖެނަރަލް އަދި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމުގައެވެ.
ބްރިގޭޑިއަރ ޖެނެރަލް ނަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އޭނާ ވަނީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމާއި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމު ފުރުއްވައިފައެވެ.
މީގެ އިތުރުން ކޮމާންޑިން އޮފިސަރުގެ މަގާމާއި ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރެއްގެ މަގާމް ވެސް އޭނާ ފުރުއްވެވިއެވެ. ދެން އޭނާ ފުރުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމު އަދި ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމެވެ.




