ވެރިރަށް މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ކުލަލައި ރީތި ކުރަން ފަށައިފިއެވެ.
މިއީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލެ ރީތިކޮށް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
“ މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން“ އާޒިމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޭޔަރު ޢާޒިމް ވަނީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުރިތަކާއި އެކިއެކި ބޯޑުތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކޮށް އެ ފަދަ ޢަމަލުތައް ނުކުރުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސިޓީ ކައުންސިލުން ބުނީ މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގަކީ، ހިތްހަމަ ޖައްސާލުމަށް ކުޑަކުދިން ގޮވައިގެން، ވަރަށް ގިނަ މީހުން ދުއްވާ މަގަކަށް ވާއިރު، މި މަގުގެ ބައެއް ފާރުތަކާއި، ވަށައިގެން ލެވިފައިވާ ތޮށިގަނޑުގެ ބައެއް ހިސާބުތަކުގައި، ޢާއްމު ޢިޖުތިމާޢީ މިންގަޑުތަކާ ޚިލާފު ކުރެހުންތަކާއި، ގްރެފިޓީތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި މަސައްކަތް ނިމޭއިރު މި ހުރިހައި ކުރެހުންތައް ވެސް ފޮހެލާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.



