މާފަންނުގައި ތަރައްޤީ ކުރަމުން އަންނަ ”މާފަންނު މައިޒާން“ ގެ ވަށައިގެން، ޕާކިން ޒޯންތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓ ކައުންސިލުން ބުނީ މި މަސައްކަތުގެ ދަށުން، މާފަންނު މައިޒާނުގައި ބަސް ސްޓޭންޑެއް ތަރައްޤީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެ ޕާކިން ޒޯނެއް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ.
އަދި މި މައިޒާނުގައި ގްރީން އޭރިއާއަކާއި، ކަސްރަތު ކުރުމަށް ކަނޑައެޅިފައިވާ 496 އަކަ ފޫޓް ސަރަހައްދެއް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ޖުމްލަ 36،153.00 އަކަފޫޓް ހުންނަ މި މައިޒާން، ފެހި، ހިތްގައިމު، އަދި ތިމާވެށްޓާ ރައްޓެހި މައިޒާނަކަށް ހެދުމަށްޓަކައި ދާދި ފަހުން ވަނީ، އެ މައިޒާނުގައި ހިޔާދޭ ބޮޑެތި ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކާއި މޭވާއާއި ތަކުރާރީ ގަސްތަކެއް އިންދާފައެވެ.



