ދިވެހި ފުލުހުންގެ އަގުވަޒަންކޮށް، ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ފުލުހުންގެ ހިދުމަތަށް ޝުކުރުއަދާ ކުރައްވަމުން ”އެކްސް“ މެދުވެރިކޮށް މިއަދު ފޮނުއްވި ތަހުނިޔާ މެސެޖުގައި ރައީސް ވަނީ، ދިވެހި ފުލުހުންނަކީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ހިދުމަތްކުރާ ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
”ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން!“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތެއްގެ ގޮތުގައި ގާއިމް ކުރިތާ މިއަދު ވަނީ 21 އަހަރު ފުރިފައެވެ.
ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްވެގެން ދިޔައެވެ.
އެހާ ހިސާބުން ފުލުހުން ސިފައިންގެ ޚިދުމަތުން ވަކި ކުރެވި ފުލުހުންގެ ޚިދުމަތް މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނުވަތަ ދާޚިލީ ވުޒާރާގެ ދަށަށް އޭރު ބަދަލު ކުރެވިގެން ދިޔައެވެ.
މި ޚިދުމަތަށް ޚާއްސަކޮށްގެން ޤާނޫނެއް ފުރަތަމަ އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނެއް 2020 އެކުލަވާލެވި ޒަމާނީ ކޮމިނިއުޓީ ޕޮލިސިންގެ ފަލްސާފާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެން ގޮސްފައިވެއެވެ.



