ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނާއި ބަންދު ކޮށްފައިވާ ކުދިންނަށް އަމާޒު ކޮށްގެން ’އުނގެނެމާ‘ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައެވެ.
މި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ.
’އުނގެނެމާ‘ ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ހަތަރު ކުޑަކުދިންނެވެ. މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި ޤަވާއިދާއި ނަފުސާނީ ދުޅަހެޔޮކަމާއި ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި ނަމާދާ ބެހޭ ވޯކްޝޮޕް އަދި ހަތަރި ދީނީ ދަރުސް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދުތަކަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމާއި، އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، މި ދީނުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް ހެދުމެވެ.
އަދި ނަފުސާނީ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސު ދެނެގަނެ ބަލައިގަންނާނެ ގޮތް ބުނެދިނުމާއިއެކު، ތަފާތު ތިޔަރީތަކުގެ އަލީގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށް، ޙުކުމް ތަންފީޛުކުރަމުންދާ ނުވަތަ ބަންދު ކޮށްފައިވާ ކުދިންނަކީ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ބައެއް ނޫންކަން އެކުދިންނަށް އިޙްސާސްކޮށްދިނުމެވެ.
މީގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން އުފެއްދުމާއި އެނގެންޖެހޭ ޤާނޫނާއި ޤަވާއިދުތައް ބުނެދީ، ކުދީންގެ އަޚްލާޤާއި ސުލޫކަށް އެދެވޭ ބަދަލުތަކެއް ގެނެސް، ޤާނުނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ބާރުއެޅުމަކީވެސް މި ޕްރޮގްރާމުގެ ބޭނުމެކެވެ.
މީގެ އިތުރުން މި ކުދިންނަކީ މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، ދީނީ ގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބި، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މުޖުތަމަޢު ޤަބޫލުކުރާ، ނަފުސާނީ ގޮތުން ހޭލުންތެރި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބައި އަދި ކުށުގެ ވެށިން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަކީވެސް މި ޕްރޮގްރާމުގެ މަގްސަދެކެވެ.



