މާލޭގެ ސާނަވީ ގްރޭޑްތަކުގައި ހިސާބު ޓީޗަރުންނަށް ޚާއްޞަކޮށްގެން އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން ސުޕަރިންޓެންޑެންޓް އިސްމާޢީލް ސަޢުދުﷲ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކަމަށެވެ.
އަދި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް 31 މުދައްރިސުން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމަށް މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމެވެ.
”މި ސެޝަންތަކުގައި ޑިސްއެބިލިޓީ އިންކްލޫޝަން، ޔުނިވާސަލް ޑިޒައިން ފޯ ލާނިން (ޔޫޑީއެލް) އަދި އޯޓިޒަމް، އޭޑީއެޗްޑީ، ޑިސްލެކްސިއާ، ޑިސްކަލްކިއުލިއާ އަދި ސެންސަރީ އިމްޕެއާމަންޓް ހުންނަ ދަރިވަރުންނަށް އިރުޝާދު ދިނުމުގެ އިތުރުން ހުނަރުވެރި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައީ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މިނިސްޓްރީގައި ޤާއިމުކުރެވިފައިވާ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ)ގެ ދަށުން ކުރިއަށްދިޔަ ތަމްރީން ޕްރޮގްރާމެކެވެ.


