ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 30 މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން މިކަންހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް ވޭޕާ ގުޅޭ ތަފާތު 11 މައްސަލައެއްގައި 30 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުން ޖޫރިމަނާކޮށްފައި ވަނީ ޖުމްލަ 150،000ރ. އިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭގެ ތެރެއިން 85،000ރ. އަކީ ވޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ހަމައެހެންމެ ވޭޕް ގެންގުޅެގެން ޖޫރިމަނާކުރި އަދަދަކީ 65،000ރ. ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ވޭޕާއި ގުޅުންހުރި މައްސަލަތަކެއްގައި އިތުރު 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން، ވޭޕް ބޭނުން ކުރުމާއި، ވިއްކުން އަދި ހިލޭ ބެހުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި އެ ޤާނޫނާ ޚިލާފުވެއްޖެނަމަ ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާ އަަދަދުތައް:
° ވޭޕް ބޭނުންކޮށްފިނަމަ: 5000 ރުފިޔާގެ ޖޫރިމަނާ
° ވޭޕް ވިއްކާ ކޮންމެ މީހަކު: 20،000 ރުފިޔާގެ ޖޫރިމަނާ
° ވިއްކާ ކޮންމެ ވޭޕަކަށް: 10،000 ރުފިޔާގެ ޖޫރިމަނާ
° ހިލޭ ވެސް ވޭޕެއް ދީފިނަމަ: 10،000 ރުފިޔާގެ ޖޫރިމަނާ
އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.



