ލ. އަތޮޅުން ރޭ ފުރައިގެން ދަނިކޮށް ގެއްލިގެން ރިޕޯޓު ކުރި ގއ. ކޮލަމާފުށީ ”ކޮލަމާ“ ބޯޓު ފެނިއްޖެ ކަމަށާއި އެ ބޯޓުގެ ކެޕްޓަނަށް ފަރުވާ ދޭން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ކުރިން ވިދާޅުވީ، ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށް ކަމަށެވެ.
މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ޚަބަރެއް ނުވާތީ އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު ފެނިފައިވާ ކަމަށާއު ފުލުހުން އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެއިތުރުން، ބޯޓުގެ ކެޕްޓަން ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ކެޕްޓަންގެ ހާލު އަދި ސާފެއް ނުވެއެވެ.



