ރާއްޖޭގެ ނަން މަޝްހޫރު ޕްރޮޑަކްޝަންހައުސް ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ”އަލިފާން“ ފިލްމުގެ އޮފިޝަލް ޕޯސްޓަރު އިއްޔެ ރިލީޒް ކޮށްފިއެވެ.
ފިލްމަށް ދީފައިވާ ނަމާއި އެއްފަދައިން އޮފިޝަލް ޕޯސްޓަރުން ވެސް ފެންނަ ގޮތުގައި، މި ފިލްމަކީ ޑާކްރެއިންގެ އަނެއްކާވެސް ރިކޯޑް ބްރޭކިންގް ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
ޕިރަމިޑް ޝޭޕެއްގެ ތެރޭގައި، މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ބައެއް ތަރިން ދައްކާލާފައިވާއިރު އެމީހުންގެ ތެރެއިން އަލިފާންގަނޑެއް އުފެދިފައިވާ މަންޒަރު ފިލްމުގެ އޮފިޝަލް ޕޯސްޓަރުން ދައްކާލާފައިވެއެވެ. އެހެންކަމުން މިއީ މި ފިލްމުގެ ވާހަކަ ބިނާވެގެންވާ ގޮތް ނުސީދާގޮތަކަށް ދައްކާލާފައިވާ ގޮތާމެދު ޝައްކު އުފެދެއެވެ.
”އަލިފާން“ ފިލްމުގެ މެއިން ރޯލުތައް ކުޅެފައިވާ ތަރިންގެ ތެރޭގައި ރަވީ ފާރޫޤް، ޝީލާ ނަޖީބް އަދި މުޙައްމަދު ފައިސަލް ހިމެނެއެވެ.
މި ފިލްމު އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހުގައެވެ.
ރާއްޖޭގެ އެހެން ޕްރޮޑަކްޝަން ހައުސްތަކާ ޚިލާފަށް ޑާކްރެއިނަކީ އަބަދުވެސް ތަފާތު އެކި އުފެއްދުންތައް ގެނެސްދިނުމަށް ޚާއްސަ އިސްކަމެއްދޭ ބައެކެވެ. ޑާކްރެއިންގެ އުފެއްދުންތަކަށް އެހާބޮޑު ތަރުހީބެއް ލިބެމުންދާ އެންމެ މައިގަނޑު އެއް ސަބަބަކީ މިއީ ކަމުގައި ބެލެވެއެވެ.



