ސަރުކާރުން ކުރިއަށްގެންދާ ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސް 30 އަށްވުރެ ގިނަ ދަރިވަރުންނާއެކު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ފަށައިފިއެވެ.
މި ކޯސް މި މަސް ތެރޭގައި ވިލާ ކޮލެޖުގައި ވެސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތައް ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި އައިޔޫއެމް އަދި ވިލާ ކޮލެޖު ގުޅިގެންނެވެ.
މިދިޔަ މަހު އިފްތިތާހުކުރި މި ކޯހަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އައިޔޫއެމް އިން ބުނީ، މިދިޔަ މަހުގެ އެ ޔުނިވާސިޓީގައި އެ ކޯސް ފަށާފައިވާ ކަމަށެވެ.
އެގޮތުން މި ކޯހުގައި ބައިވެރިވުމަށް އެދި 45 ދަރިވަރަކު އެޕްލިކޭޝަން ހުށަހެޅިކަމަށާއި މިހާތަނަށް 30 އަށްވުރެ ގިނަ ދަރިވަރުން ކޯހުގައި ރަޖިސްޓްރީވެފައިވާކަމަށް އައިޔޫއެމުން ބުންޏެވެ. އަދި މިހާރުވެސް ކޯހުގައި ރަޖިސްޓަރ ކުރަމުންދާކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި އަލަށް މުދައްރިސްކަން ކިޔަވާ ދަރިވަރުންނާއި މިހާރު ސްކޫލްތަކުގައި ވަގުތީ މުދައްރިސުންގެ ގޮތުގައި ކިޔަވައިދޭ މުދައްރިސުންވެސް ތިބިކަން އައިޔޫއެމުން ފާހަގަކުރިއެވެ.



