ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ގޮވާލައްވާފައިވަނީ ޗައިނާގެ ޓިއާންޖިންގައި އިއްޔެ ބޭއްވި ”އެސްސީއޯ ޕްލަސް“ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެ އޮންނާނީ އަބަދުވެސް ފަލަސްތީނާއެކު ކަމަށާއި އެ ޤައުމަށް މިހާރު ކުރިމަތިވެފައިވާ ދަތިހާލާ ދެކޮޅަށް ވަކާލާތުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އިންވެސް އެއްބައިވުމަށެވެ.
ފަލަސްތީނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ބައިނަލްއަޤުވާމީ ނިންމުންތައް ނިންމުމުގައި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތައް ހިމެނުމަށް ވެސް ގޮވާލައްވާފައެވެ.
އެގޮތުން ތަރައްގީވެފައިވާ ގައުމަކަށްވުމަށް ރާއްޖެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަ ދާއިރާތަކެއް ވެސް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



