ސިޔާސީ ޕާޓީއަކުގެ ތެރެއިން، ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަވާ 5 ޕާޓީއަށް ފައިސާ ޖަމާކޮށްދޭން މިހާރު ބެންކަށް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން ކޮންމެ މެންބަރަކަށް 193.23 ރުފިޔާގެ ރޭޓުން، އެ 5 ސިޔާސީ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވަނީ 43 މިލިއަން ރުފިޔާއެވެ.
އީސީގައި ރެޖިސްޓްރީ ކޮށްފައި 9 ސިޔާސީ ޕާޓީއެއް އޮތްނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަވަނީ 5 ސިޔާސީ ޕާޓީއެއްގައެވެ.
އެއީ:
° ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
° މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
° ޖުމްހޫރީ ޕާޓީ (ޖޭޕީ)
° އަދާލަތު ޕާޓީ
° މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)
އީސީން ބުނެފައިވަނީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިއަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާ ޖަމާކޮށްދިނުމަށް ބޭންކްތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ.
ސިޔާސީ ޕާޓީތަކަށް އީސީން ދޫކުރި ފައިސާގެ ތަފްސީލު:
° ޕީއެންސީ: 13،316،689.57 ރުފިޔާ
° އެމްޑީޕީ: 8،454،780.51 ރުފިޔާ
° ޖޭޕީ: 2،656،598.57 ރުފިޔާ
° އެމްޑީއޭ: 1،769،648.69 ރުފިޔާ
° އަދާލަތު ޕާޓީ: 1،713،538.65 ރުފިޔާ
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އީސީން ބުންޏެވެ.



