ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއްކަމުގައިވާ ހިޒް އެކްސެލެންސީ ލީ ޝީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ބެއިޖިންގެ ޑިއައޮޔުޓައި ސްޓޭޓް ގެސްޓްހައުސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ހިޒް އެކްސެލެންސީ ލީ ޝީ ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ތަމްސީލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމަކީ، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި ބައްދަލުވުމުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކުން ގުޅުންބަދަހިވެފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ހިޒް އެކްސެލެންސީ ލީ ޝީ ގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްކަންދޭކަންތައްތަކުގައި އެއްބާރުލުންދީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ރައީސް މުޢިއްޒުގެ ޝަރަފުގައި، ލީ ޝީ ދެއްވި ފުރަމާނަ ޖާފަތަކަށް ފަހުގައެވެ.




