ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ޤާބިލުކަމުގެ އޮނިގަނޑު އެކުލަވާލައިފިއެވެ.
ރާއްޖޭގައި ފުރަތަމަފަހަރަށް އެކުލަވާލެވުނު އެ އޮނިގަނޑު އިފްތިތާޙު ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އެވެ.
އެ އޮނިގަނޑު އިފްތިތާޙު ކޮށްދެއްވުމަށްފަހުނ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވީ އޭސީސީގެ ފްރޭމްވަރކްގެ ސަބަބުން މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
”ވަޒީފާއަށް މީހުން ނެގުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އިތުރުން މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގައި ވަރަށް ބޭނުންތެރި އެއްޗަކަށް އެ ފްރޭމް ވަރކްވާނެ“ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވިއެވެ.
އެ އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. މިގޮތުން އެ ތިން ބަޔަކީ:
ޖެނެރަލް ކޮމްޕީޓެންސީ
ޓެކްނިކަލް ކޮމްޕީޓެންސީ
މެނޭޖީރިއަލް ކޮމްޕީޓެންސީ
މި ފްރޭމްވޯކްގެ މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި ނަތީޖާ ރަނގަޅު ކުރުމަށް ތަރައްޤީ ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާން ކުރުން ހިމެނެއެވެ.
މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން އޭގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަަމަށް އޭސީސީން ހާމަކުރެއެވެ.



