ރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގްސަދުގައި މުހިންމު އެގާރަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ. މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެޤައުމުގެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.



