ޔަމަނުން އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް މިސައިލު ހަމަލާއެއް ދީފިއެވެ.
މިކަންހާމަކޮށްފައި ވަނީ ޔަމަނުގެ ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ ރަތް ކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް މިސައިލް ބޭނުންކޮށްގެން ޔަމަނުގެ ސިފައިން ހަމަލާދީފައިވާ ކަމަށެވެ.
ބެލިސްޓިކް މިސައިލަކުން އެ ހަމަލާ ސީދާ އަމާޒުކުރީ ރަތް ކަނޑުގެ އުތުރުގައި އޮތް އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް ކަމަށް ޔަމަނުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
”އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ހިތްވަރުގަދަ މުޖާހިދުންނަށް ތާއީދުކޮށް، ޣައްޒާގެ އަޚުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ރައްދުދޭނަން“ އެ ބަޔާނުގައި ބުނެފައި ވެއެވެ.
އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައިގެ ޖަރީމާތައް ނިމެންދެން އަދި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް އަޅާފައިވާ ހުރަސްތައް އުވާލަންދެން މި ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޔަމަނުން ދަނީ ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތަކާއި އިސްރާއީލަށް މަދަދުވެރިވާ އުޅަނދުތަކާއި ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ.




