ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ 76 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ އެންކްލޭވްގައި ތިބި ފަލަސްތީނުގެ 76 މީހަކު ޝަހީދުކޮށްލާފައިި ކަމަށެވެ.
މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް 63،633 މީހުން ޝަހީދުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި އިސްރާއީލުގެ އެ ޖަރީމާތައް ފެށިފަހުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޖުމުލަ ޢަދަދު 160،914 އަށް އަރާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 281 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޣައްޒާއަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 11،502 އަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 48،900 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.




