ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ވަރުގަދަ ކުރަމުންދާ ހަމަލާތަކުގައި، 105 މީހަކު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި މަރާލައިފިއެވެ.
އިޒްރޭލު ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުން މަރުވި މީހުންގެ ތެރޭގައި އެހީ ހޯދުމަށް މަސައްކަތް ކުރި މީހުންނާއި، ކުޑަކުދިން އަދި ނޫސްވެރިންވެސް ހިމެނެއެވެ.
މި ހަމަލާތަކަކީ ޣައްޒާގެ އެއް މިލިއަން މީހުން ބޯހިޔާވަހިކަން ހޯދާފައިވާ އާބަން ސެންޓަރެއް ގަދަބާރުން އަތުލައިގަތުމަށްޓަކައި އިޒްރޭލުން ދޭން ފަށާފައިވާ ހަމަލާތަކެކެވެ.
ޔަހޫދީން ސިފައިންގެ ހަމަލާތަށް އިތުރަށް ވަރުގަދަ ކުރަން ފަށާފައިމިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޣައްޒާ އެއްކޮށް ހިފުމަށް ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް ބުނެފައިވުމުންނެވެ.
ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި ޣައްޒާގެ ރައްޔިތުން މިވަގުތު ތިބީ ކޮށްޓެއްގައި ބަންދު ކޮށްފައިހުރިފަދަ ހާލަތުގައެވެ. ސަބަބަކީ އެމީހުން ކުޑަކޮށްވެސް ބޭރަށް ނުކުމެއްޖެނަމަ، ވައިގެ ހަމަލާތައް ދެމުން ގެންދާތީކަމަށް ވެސް ބުނެފައިވެއެވެ.



