ރާއްޖެއާއި ޗައިނާއާ ދެމެދު އިއްޔެ ސޮއިކުރެވުނު ފަހުމުނާމާތަކާއެކު ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އައު ޞަފްހާތަކެއް ހުޅުވިގެންދާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވިީ ދިވެހި ރާއްޖެއާ ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި ސޮއިކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި އިޤުތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނޭހެން 11 ފަހުމުނާމާއެއް ހިމެނެއެވެ.
މި ފަހުމުނާމާތަކުން ދެމެހެއްޓެނިވި ތަރައްޤީއާއި އެކުވެރިކަމާއެކު ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ހާމަވެގެންދިޔަކަމަށާއި، މިއީ ކުރިއަށްއޮތްތާގަވެސް އެކުވެރިކަމާއި އެއްބާރުލުމާއެކު ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އައު ޞަފްހާތަކެއް ހުޅުވިގެންދިޔަ ކަމެއްކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.



