މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.6 ޕަސެންޓު ކުޑަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.6 ޕަސެންޓު ދަށް އަދަދެކެވެ.
އެގޮތުން ބަލާއިރު، ދައުލަތުގެ ރިކަރަންޓް ހަރަދު 1.7 ޕަސެންޓު ކުޑަކޮށްފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 57.4 ޕަސެންޓުން ދަށްވެފައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި ރިކަރަންޓް ހަރަދުގެ 56 ޕަސެންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 14.1 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.6 ޕަސެންޓުން ދަށްވެފައެވެ.
މީގެއިތުރުން، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރާ ހޭދަ ވެސް ވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓު ދަށްވެފައެވެ. އަދި ދައުލަތުން އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމުނު އަހަރާ އަޅާބަލާއިރު 7.5 ޕަސެންޓުން ދަށަށް ގޮސްފައެވެ.




