ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެލައިޑް އިންޝުއަރެންސުން ކުރިއަށްގެންދާ ”އެލައިޑް ފެސްޓް“ ގެ ދެވަނަ ކޮމިއުނިޓީ އިވެންޓް، ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.
އެލައިޑް ފެސްޓް ސީރީޒްގެ ފުވައްމުލައް އެޑިޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގައެވެ.
މި ސީރީޒަކީ، އާއިލާތަކާއި ކުޑަކުދިންނަށް އެލައިޑުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކަށް މައުލޫމާތުދީ ހޭލުންތެރި ކުރުމުގެ ގޮތުން އެ ކުންފުނިން ހިންގާ ޕްރޮގްރާމެކެވެ.
އެލައިޑް ފެސްޓް ސީރީޒްގެ ފުވައްމުލައް އެޑިޝަން މިދިޔަ މަހު ބާއްވާފައިވާއިރު، އެލައިޑުން ވަނީ މިއަހަރުގެ މެއި މަހުގެ 10ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައާއި ޖޫން މަހުގެ 20ވަނަ ދުވަހު އައްޑޫ ސިޓީގައި ވެސް މިފަދަ ހަރަކާތެއް ބާއްވާފައެވެ.
ފުވައްމުލަކު ޔޫތު ސެންޓަރުގައި ހިންގި އެ ހަރަކާތުގައި 3000 އަށްވުރެ ގިނަ އާއިލާ ބައިވެރިވެފައިވެއެވެ. އަދި އެ ހަރަކާތުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ އެކިކަހަލަ ފޯރިގަދަ ކުޅިވަރުތައް ވެސް ހިމަނާފައިވެއެވެ.
މީގެއިތުރުން މި ހަރަކާތުގެ ބައިވެރިންނަށް ތަފާތު ވައްތަރުގެ ރަހަތައް ދައްކާލުމަށްޓަކައި، 10 ފުޑް ސްޓޯލެއްވެސް ވަނީ ހިމަނާފައެވެ.
މިފަދަ ކުލަގަދަ ހަރަކާތެއް ހިންގާ ރޭވުމުގައި ފުވައްމުލައް ސިޓީ ކައުންސިލް ރެކްރިއޭޝަނަށާއި ފުވައްމުލައް ޕްރީސްކޫލްތަކާއި ޕްރިންޕަލުންގެ އިތުރުން އެ ސިޓީގެ ރައްޔިތުންނަށް އެލައިޑުން ވަނީ އިޚްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ.




