ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީގެ ގޮތުގައި މިހާތަނަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން މި ދައުރުގެ ތެރޭގައި 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ހޯދާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އަދުގެ ސަރުކާރުން ފެށި، އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން ދެނެގަނެވި، އެ މީހުންނަކީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.
އަބްދުލްމަޖީދު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
މި ސަރުކާރު އައިއިރު ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ ކަމަށާއި އެގޮތުން ދައުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާ ހުރި ކަމަށާއި ސަރުކާރުން ކުރި މަސައްކަތްތަކުން މިހާރު އޭގެ ތެރެއިން 1.2 ބިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ލިބިފައިވާ ކަމަށް ވެސް އަބްދުލްމަޖީދު ވިދާޅުވިއެވެ.
”2023، 17 ނޮވެންބަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތަށް ދައްކަންޖެހޭ ފީ ގަވައިދުން ބަރާބަރަށް ނުދައްކާ އޮތުން. އެ މަސައްކަތް ފެށިއިރުގައި ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް އެހެންނަމަވެސް މިއަދާ ހަމައަށް 1.2 ބިލިއަން ރުފިޔާ ވަނީ ރިކަވާކުރެވިފައި، އެއީވެސް އަޅުގަނޑުމެންނަށް މި މައްސަލައަށް (ބިދޭސީންގެ މައްސަލަ) ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތެއް ކަމަށް އަޅުގަނޑު ފާހަގަކޮށްލަން“ އަބްދުލްމަޖީދު ވިދާޅުވިއެވެ.




