ދުނިޔޭގެ އެތައް ބަޔަކު ބޭނުންކުރާ ޗެޓްޖީޕީޓީގެ ހިދުމަތް މިއަދު ގިނަ ބަޔަކަށް މެދުކެނޑި، ދަތިތަކަކާ ކުރިމަތި ވެއްޖެއެވެ.
ޗެޓްޖީޕީޓީގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އޮންލައިން ޚިދުމަތްތަކުގެ ހާލަތު ދައްކުވައިދޭ ޑައުންޑިޓެކްޓާ ފަދަ ވެބްސައިޓްތަކަށް އެތައް ސަތޭކަ ރިޕޯޓްތަކެއް ވަނީ ލިބިފައެވެ. އަދި ”އެކްސް“ ގައި ވެސް ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.
އެގޮތުން ގިނަ މީހުން ފާޅުކޮށްފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޗެޓްބޮޓާ ސުވާލު ކުރުމުން ޖަވާބު ނުލިބުމެވެ.
މީގެ އިތުރުން، ބައެއް މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހުންގެ ކުރީގެ ޗެޓްތައް ވެސް ވަނީ ގެއްލިފައިވެއެވެ. މި މައްސަލަ ވެބް ބްރައުޒާ މެދުވެރިކޮށާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް ވެސް ވަނީ ދިމާވެފައެވެ.
ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައިއިން ވަނީ މި މައްސަލަ ދިމާވިކަން އެ ކުންފުނީގެ ރަސްމީ ސްޓޭޓަސް ޕޭޖްގައި ކަށަވަރުކޮށްދީފައެވެ.
އެގޮތުން އެމީހުން ބުނެފައިވަނީ ޗެޓްޖީޕީން ޖަވާބު ނުދިނުމުގެ މައްސަލަ ދިމާވެގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ވީ އެންމެ އަވަހަށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.




