ތެލެސީމިއާ ހުންނަ ފަރާތްތަކުގެ ހާލު ބަލާ އެހީ ފޯރުކޮށްދިނުމަށް “ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.
އެ ސެންޓަރު ހުންނަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.
މި ސެންޓަރު ޤާއިމުކޮށްފައި ވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުއެވެ.
މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރަމުން އަންނަ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބަލާނެއެވެ.
މި ސެންޓަރު ހުޅުވައި ދެއްވުމަށްފަހު މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މީގެ ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ހާލު ބަލައި ބޭނުންވާ ފަރުވާ ދިނުމުގައި ވަރަށް ބައިވަރު ދަތިތައް ހުންނަ ކަމަށެވެ.
ނަމަވެސް، މިހާރު ފަސޭހަކަމާ އެކު ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ހާލު ބަލައި އެހީ ފޯރުކޮށްދިނުމަށް ސެންޓަރުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ .
މިގޮތުން ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމުގައި ދައްޗެއް ދިމާވާނަމަ، ނުވަތަ ސްޕެޝަލިސްޓުންގެ ލަފާ ބޭނުންވާނަމަ، އެ ސަރަހައްދެއްގެ އަތޮޅު ހޮސްޕިޓަލާ ގުޅިގެން އެ ސެންޓަރުން ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.



