ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ނައްތާލުމަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކުރަމުންދިޔުމާ ގުޅިގެން، އެ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަމާސް ޖަމާއަތުން އ.ދ އަށް ގޮވާލައިފިއެވެ.
އިޒްރޭލު ސިފައިން ވަނީ ޣައްޒާގެ އެކިކަންކޮޅުތަކަށް ދެމުންއަންނަ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާ ހިފުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައެވެ.
އެކަމާ ގުޅިގެން ހަމާސްް އިން ވަނީ އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅު އެޅުމަަށް އ.ދ ގެ އިތުރުން ބައިނަލްއަގުވާމީ އެހެން މުއާހަދާތަކަށް ވެސް ގޮވާލާފައެވެ.
ޔަހޫދީ ސިފައިންގެ އެ ހަމަލާތަކުގެ ސަބަބުން އިއްޔެ ވެސް ޣައްޒާއިން ވަނީ 73 މީހަކު މަރުވެފައެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި އިޒްރޭލުން މިހާރު އަންނަނީ ޣައްޒާގެ އިތުރުން، ޣައްޒާގެ ކައިިރީގައި އޮންނަ އެހެން ސިޓީތަކަށްވެސް ވެރިވެގަނެ ހަމަލާދޭން ފަށާފައެވެ. އެގޮތުން އެމީހުން މިވަގުތު އަމާޒުކޮށް، ހަމަލާދެމުން އަންނަނީ އާބާދީ މަގު ސިޓީތަކަށްކަން ވެސް ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.
ފަލަސްތީނުގެ އެތައްބައެއްގެ ގެދޮރާއި ޓެންޓުތައް ވެސް އިޒްރޭލު ސިފައިން އަންނަނީ ހަލާކު ކުރަމުންނެވެ. އޭގެތެރޭގައި ސްކޫލްތަކުގައި ޓެންޓު ޖަހައިގެން ބޯހިޔާވަހިކަން ހޯދާފައިވާ މީހުންގެ ޓެންޓުތަކަށް ވެސް އިޒްރޭލުން ވަނީ ބޮން އަޅާފައެވެ.



