ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ކަޑަ ޖެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
އެ މިނިސްޓްރީން ރޭގައި ”އެކްސް“ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ރަޖިސްޓްރީ ދޫކުރަނީ ހައުސިންގް މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ.
ގުޅީފަޅު އިން ވަކި ކުރުމަަށްފަހު، އަންނަ ހަފްތާގައި ބިން ހަވާލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.
ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޫކުރަން އިއުލާނުކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ނިންމީ ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދު 3،520 އަށް އިތުރުކުރުމަށެވެ. އެއީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު މީހުން ހިމަނައިގެންނެވެ.



