ސްޓޭޓް ޓްރޭޑިންގް އޯގެނައިޒޭޝަން (އެސްޓީއޯ) ގެ ސިޓީ ހޮޓެލް 20 މިލިއަން ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ފޭސް 2ގެ އެހެން ބިމަކަށް ބަދަލުކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެސްޓީއޯ އިން މެއި މަހު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވަނީ އެ ހޮޓެލް އަޅާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން އެ ކުންފުންޏަށް ބިމެއް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ދެ ފަރާތުން ވަނީ 31 އޮގަސްޓް ވަނަ ދުވަހު ސޮއިކޮށްފައި ކަމަށެވެ.
އެހެންކަމުން މި މުޢާމަލާތާއި ގުޅިގެން އެ ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
މި އިޢުލާނު ކޮށްފައި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީ.ޑީ.އޯ.އައި) ރެގިއުލޭޝަންގެ ދަށުންނެވެ.




