ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް 150،000 އަށްވުރެ ގިނަ ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، އެ މާރުކޭޓް އަޅަން މާލޭ ސިޓީ ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި 2022 ވަނަ އަހަރު ސޮއިކޮށް އެ އެއްބަސްވުމާ އެއްގޮތަށް އެތަން ނިންމައި ހަވާލުވެސް ކޮށްފައިވާ ކަމަށެވެ.
އެެހެން ނަމަވެސް އެ މަޝްރޫއުގެ ޖުމްލަ ފައިސާގެ ތެރެއިން ރިޓެންޝަން ފައިސާގެ ގޮތުގައި ހިމެނޭ ފަސް ޕަސެންޓަށްވާ 125،841.48 ރުފިޔާ ހޯދަން ބިިލު ހުށަހެޅުމުން ވެސް މާލޭ ސިޓީ ކައުންސިލްއިން އެ ފައިސާ ދީފައިނުވާ ކަމަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޖަވާބުދާރީވުމުމުގެ ފުރުސަތު ދިނުމުން މާލޭ ސިޓީ ކައުންސިލްއިން ޖަވާބުދާރީ ވެފައެއް ނުވެއެވެ. އެހެންކަމުން ސިވިލް ކޯޓުން މިއަދު ސިޓީ ކައުސިލުގެ ޣައިރު ހާޒިރުގައި ވަނީ 125،841.48 ރުފިޔާ ގްލޯރިއަސްއަށް މާލޭ ސިޓީ ކައުންސިލުން ދެއްކުމަށް ހުކުމްކޮށްފައެވެ.
މީގެ އިތުރުން ގްލޯރިއަސްއިން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދުނު 25،000 ރުފިޔާ ވެސް މާލޭ ސިޓީ ކައުންސިލްއިން އެ ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކުރި އެވެ.
އެހެންކަމުން މާލޭ ސިޓީ ކައުންސިލްއިން ޖުމްލަ 150،841.48 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން ޖެހޭނެއެވެ.



