ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް ވޭތުވެދިޔަ 10 އަހަރު ޖުމްލަ 18.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޖިލީހުގެ ކުރީގެ މެންބަރުންގެ ތެރެއިން، 2014 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ނިޔާވި ބައެއް މެންބަރުން ވެސް ހިމެނޭހެން 173 މެންބަރަކަށް ޖުމްލަ 18.9 މިލިއަން ރުފިޔާ ހަރަދުވެފައި ވަނީ ދެ ރޭޓެއްގައި ހެލްތު އިންޝުއަރެންސަށް ދައުލަތުން ދެއްކި ފައިސާއިންނެވެ.
އެ ހިސާބުތަކުގައިވާ ގޮތުން 2017 ވަނަ އަަހަރާ ހަމައަށް ހެލްތު އިންޝުއަރެންސަށް ފައިސާ ދައްކަން މެންބަރަކަށް އަހަރަކު ހަރަދުކޮށްފައިވަނީ 12،500 ރުފިޔާއެވެ. އޭގެފަހުން އަހަރަކު 24،000 ރުފިޔާގެ ރޭޓުން ހެލްތު އިންޝުއަރެންސަށް ހަރަދުކޮށްފައިވެއެވެ.
ކުރީގެ މެންބަރުންގެ ހައިސިއްޔަތުން ދައުލަތުން ހެލްތު އިންޝުއަރެންސް ދިން ނަމަވެސް، ދައުލަތުގެ އެހެން މަގާމެއް އަދާކުރާ މުއްދަތުގައި ހެލްތު އިންޝުއަރެންސަށް ހަރަދު ކުރާނީ އެ މަގާމަކަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ނިޒާމުގެ ތެރެއިންނެވެ.



